Sunday, May 5, 2013

multimedia report 2013


بسم الله الرحمن الرحيم

މުޤައްދިމާ


އެންމެހާ ޙަމްދާއި ޘަނާއެއް ޙައްޤުވެގެންވަނީ ޢާލަމްތަކުގެ ވެރި މާތްﷲ سبحانه وتعالى އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ޢިލްމުގެ ނޫރުން މުޅިއުއްމަތަށް އަލިކޮށްދެއްވި މާތްސާހިބާ محمد صل الله عليه وسلم އަށެވެ. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަމެވެ.
މި ރިޕޯޓަކީ، ބެޗްލަރ އޮފް ޓީޗިންގ އިސްލާމް ( 3 ވަނަ އަހަރު ) ގެ ދަރިވަރުންނަށް ފަސްވަނަ ސެމިސްޓަރގައި ކިޔަވައިދެއްވާ މާއްދާއެއްކަމުގައިވާ، "މަލްޓިމީޑީޔާ ޓެކްނޮލޮޖީ ފޯ ޓީޗަރސް (CPT121) އިން" ތައްޔާރުކުރުމަށް ޙަވާލުކޮށްފައިވާ ގްރޫޕް އެސައިންމެންޓެއްގެ މައްޗަށް ބަލައިލާ ތައްޔާރުކުރެވިފައިވާ އިންޑިވިޖުއަލް ރިޕޯޓެކެވެ.
އަޅުގަނޑުމެންގެ ގްރޫޕުން ނެގި މަލްޓިމީޑިޔާ ޓޫލަކީ، އައިޕެޑެވެ. އެހެންކަމުން މިރިޕޯޓުވެސް ތައްޔާރުކުރެވިފައި މިވަނީ، އައިޕެޑުގެ މައްޗަށެވެ. އެގޮތުން ބަލާއިރު މި ރިޕޯޓުގައި ހިމެނޭނެ ބައިތަކަކީ، ކިޔަވައިދިނުމުގައި މަލްޓިމީޑިޔާގެ ދައުރު، ކިޔަވައިދިނުމުގައި މަލްޓިމީޑިޔާ ބޭނުންކުރުމުން ހުރި ފަސޭހަތަކާއި ފައިދާތައް، އައިޕެޑްގެ ތަޢާރަފް، އައިޕެޑް ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ގޮތުގެ ތަޢާރަފް، ކިޔަވައިދިނުމުގައި އިންޓަރނެޓްގެ މުޙިއްމުކަން، އިންޓަނެޓް ބޭނުންކުރުމުގެ އަޚްލާޤީ މިންގަނޑުތަކަށް ދަރިވަރުން އަހުލުވެރިކުރުމަށްޓަކައި މުދައްރިސުންނަށް ކުރެވިދާނެ ކަންތައްތައް އަދި މީގެ އިތުރުން، ކައިރި މުސްތަޤްބަލްގައި މަލްޓިމީޑިޔާގެ ސަބަބުން ކިޔަވައިދިނުމަށް އަންނާނެ ބަދަލުތަކެވެ.
 05 މާރޗް 2013





މަލްޓިމީޑިޔާއަކީ ކޮބާ؟


މަލްޓިމީޑިޔާއަކީ އިލެކްޓްރޯނިކް ވަޞީލަތެއް ބޭނުންކޮށްގެން މަޢުލޫމާތެއް ދިނުމަށް ބޭނުންކުރާ ވަޞީލަތެކެވެ. ހަމަ އެހެންމެ މަލްޓިމީޑިޔާއަކީ، ވަރަށް ފުޅާ ދާއިރާއެއްގައި ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން މުޥާސަލާތުކުރުމަށް ބޭނުންކުރެވޭ ވަރަށް ފަސޭހަ ވަޞީލަތެކެވެ. އޭގެތެރޭގައި ފޮޓޯ، ވީޑިއޯ، ޗާޓް، އިންޓަރނެޓް، އަދި އިންޓަރނެޓް ވެބްސައިޓްތައް ހިމެނެއެވެ. ނުވަދިހައިގެ ތެރޭގައި ކޮމްޕިޔުޓަރުގެ ދުނިޔެއަށް އިންގިލާބެއް ގެނުވި އެޕުލިކޭޝަން އަކީ މަލްޓިމީޑިއާއެވެ. އެއީ ވީޑިއޯ، ފޮޓޯ ލިޔުންތަށް، އޯޑިއޯ، އެނިމޭޝަންސު އަދި އިންޓަރަކުޓިވު އުފެއްދުން ފަދަ ތަކެތި އެކަތި އަނެކެއްޗާ ގުޅުވައިގެން އުފައްދާފައިވާ އުފެއްދުންތަކެވެ. މި އެޕުލިކޭޝަންސު ތައް އުފައްދާ ބޭނުން ކުރަމުން ގެންދަނީ ކޮމްޕިޔުޓަރުގެ އެމް ޕީ ތިރީ ޕުލެޔަރ އަދި މޮބައިލް ފޯން ތަކުގައެވެ. ނުވަދިހައިގެ މެދުތެރާ ހަމަޔަށް މި އުފެންދުން ތަކަކީ އާމުންގެ ތެރޭގައި އެހާވަރަކަށް ބޭނުންކުރެވެމުން ދިޔަ އުފެއްދުންތަކެއް ނޫނެވެ. މި ކަމުގެ ސަބަބަކީ މަލްޓިމީޑިއާ ހާޑުވެއާރ އަކީ އަގުބޮޑު އެއްޗަކަށްވުމެވެ. ނަމަވެސް އަގަށް އައި ބަދަލާ އެކު މަލްޓިމީޑިއާ އަކީ މިހާރު ކޮންމެ މީހަކުވެސް ބޭނުންކުރަމުން ދާ އެއްޗެކެވެ. މިހާރު އާމުން ބޭނުންކުރާ ކޮންމެ ކޮމްޕިޔުޓަރަކީ އޭގައި މަލްޓިމީޑިއާ އެޕުލިކޭޝަން ހިމެނޭ އެއްޗެކެވެ.
 
ކިޔަވައިދިނުމުގައި މަލްޓިމީޑިޔާގެ ދައުރު


އެއްދުވަހުން އަނެއް ދުވަހަށް ދުނިޔެ އަންނަނީ ތަރަށްޤީވެ ކުރިއަރަމުންނެވެ. ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ މިހާރުވަނީ މީގެ ކުރިން ދުވަހަކުވެސް އިންސާނަކު ހީވެސްކޮށްފައި ނުވާފަދަ ބޮޑު އިންޤިލާބެއް ގެނުވާފައެވެ. އެހެންގޮތަކަށް ދަންނަވާނަމަ ދެންނެވޭނީ، 21 ވަނަ ޤަރުނު ވެގެން ގޮސްފައިމިވަނީ ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެއަށް އައު އިންގިލާބެއް ގެނުވި ޤަރުނެއްގެ ގޮތުގައެވެ. އެހެންކަމުން މިޤަރުނުވެފައި މިވަނީ، ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެ އެފުއް މިފުށަށް ޖަހާލި ޤަރުނަކަށްވެފައެވެ.
ޒަމާނީ ޓެކްނޮލޮޖީ ނުވަތަ މަލްޓިމީޑިޔާގެ ވަޞީލަތްތައް ބޭނުން ކުރެވެމުން މިއަދު އަންނަނީ ވަކި މިވެނި ދާއިރާއެއްގައޭ ބުނެވޭކަށް މިހާރަކުނެތެވެ. އެހެނީ މި ވަޞީލަތަކީ މިހާރު މުޅި ދުނިޔެ އޭގެ މައްޗަށް ބަރޯސާވެފައިވާ ވަޞީލަތެކެވެ. މިވަޞީލަތުގެ ބޭނުން އެންމެ ބޮޑަށް ހިފަމުންދާ އެއްދާއިރާއަކީ، އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާގައެވެ. މީގެ އިތުރުންވެސް އެކި އެކި ދާއިރާ ތަކުގައި މަސައްކަތްކުރުމަށް މަލްޓިމީޑިއާ ބޭނުންކުރަމުން ގެންދެއެވެ.
 ކިޔަވައި ދިނުމުގެ ދާއިރާގައި މަލްޓިމީޑިއާގެ ތަފާތު އެތައް އެޕުލިކޭޝަންތައް ބޭނުންކުރަމުން ދެއެވެ. އެގޮތުން ބަލާއިރު، ކިޔަވައި ދިނުމުގެ ދާއިރާގައި ކުރިން ހުރި އޯޑިއޯ- ވިޝުއަލް ޑިޕާޓުމެންޓުތަށް މިހާރުވަނީ އުވާލެވިފައެވެ. އޭގެ ބަދަލުގައި މިހާރު ބޭނުންކުރަމުން ގެންދަނީ މަލްޓިމީޑިއާގެ ޒަމާނީ އެޕުލިކޭޝަންތަކެވެ. މި ދާއިރާގައި މަލްޓިމީޑިއާ  އެޕުލިކޭޝަން ބޭނުންކުރާ މިންވަރު މިހާރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. މި ދާއިރާގައި މަލްޓިމީޑިއާ  ބޭނުންކުރުމުގެ ސަބަބުން ވަނީ ކިޔަވައިދެވޭނެ އާގޮތްތަށް ތައާރަފުވެފައެވެ. އަދި މި އެޕުލިކޭޝަންސުތަށް ބޭނުންކުރަން ފެށުމުން ދަރިވަރުންނަށް ނޭނގޭ އަދި އޮޅުންނުފިލާ، އެއްޗެހި އެގުމުގެ ފުރުސަތު ވަނީ އިތުރުވެގެން ގޮސްފައެވެ. މީގެ އިތުރުން ތަފާތުގޮތްގޮތަށް ފިލާވަޅުތައް ފަރުމާކުރެވި ކުދިން ޝައުޤުވެރިވާގޮތްތަކަށް އެ ފިލާވަޅުތައް ކުލާހުގައި ބޭނުންކުރުމުގެ ފުރުޞަތު މިވަނީ މިހާރު ލިބިފައެވެ. މި ކަމުގެ ސަބަބުން ދަރިވަރުންނަށް ފިލާވަޅު ދަސްވާ އަދި ނަތީޖާ ނެރެވޭ މިންވަރު ކުރިއަށްވުރެ މިހާރުވަނީ، މާބޮޑުތަން ކުރިއަރައިގެން ގޮސްފައެވެ. އަދި ކުދިން ކިޔަވަން ސްކޫލަށް ނާންނަން އުޅޭ އުޅުން ބަދަލުވެ، ސުކޫލަކީ އެކުދިންނަށް މަޢުލޫމާތާއި ޙަރަކާތްތެރިކަން ގެނެސްދޭ ތަނަކަށް ވަނީ ވެފައެވެ. މަލްޓިމީޑިއާ ގެ ސަބަބުން ކިޔަވައިދިނުމުގެ ދާއިރާއަށް ތަފާތު އެތަށް ޓޫލްސްއެއްވަނީ ތަޢާރަފްވެގެން ގޮސްފައެވެ. އޭގެތެރޭގައި ޕްރޮޖެކްޓަރާއި ސްމާރޓް ބޯޑާއި ހޮލޮގްރާމް، އައިޕެޑް ފަދަ ޒަމާނީ ވަޞީލަތްތައް ހިމެނެއެވެ.

ކިޔަވައިދިނުމުގައި މަލްޓިމީޑިޔާ ބޭނުންކުރުމުން ލިބޭ ފަސޭހަތަކާއި ފައިދާތައް

ކިޔަވައިދިނުމުގައި މަލްޓިމީޑިއާ ބޭނުންކުރުމުގެ ސަބަބުން ނުހަނު ގިނަގުނަ ފައިދާތަކެއް ލިބިގެންދާ ކަމާއިމެދަކު އެއްވެސް ޝައްކެއްނެތެވެ. އެގޮތުން ބަލާއިރު، މި ފައިދާތަށް ވަނީ ހަމައެކަނި ދަރިވަރަށް އެކަންޏެއްވެސް ނޫނެވެ. ދަރިވަރުގެ އިތުރުން މުދައްރިސުންނަށްވެސް ނުހަނު ގިނަ ފައިދާތަކެއްވެއެވެ. އެގޮތުން ބަލާއިރު ކިޔަވައިދިނުމުގައި މަލްޓިމީޑިޔާާގެ ވަޞީލަތްތައް ބޭނުންކުރުމުން، މުޅި ފިލާވަޅަށް ދަރިވަރުން ސަމާލުކަން ދިނުން، މުދައްރިސުން ބުނެދޭން އުޅޭ އެއްޗެއް ފަސޭހައިން، ދަރިވަރުންނަށް ފަހުމުވުމާއި ފިލާވަޅު ނަގައިދިނުމަށް ހޭދަކުރާ ގަނޑި މަދުވުން ހިމެނެއެވެ. މީގެ އިތުރަށް ފިލާވަޅު ދަސްކުރަން ދަރިވަރުންނަށް ފަސޭހަވުމާއި  ދަސްކުރާއެއްޗެހި ގިނަ ދުވަހަށް ހަދާނުގައި ހުރެއެވެ.  މަލްޓިމީޑިއާ ބޭނުންކުރުމުން ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި ލިޔާ އެއްޗެހީގައި ކުށް މަދުވުން، ކުރެވޭ މަސައްކަތާ ދޭތެރޭ ހިތްހަމަޖެހުން އަދި ބޭނުން ކޮންމެ ވަގުތެއްގައި ވެސް ބޭނުންކުރެވުން ހިމެނެއެވެ. މީގެ އިތުރުންވެސް މަލްޓިމީޑިއާގެ ސަބަބުން ކުދިން ކިޔެވުމަށްދޭ ޝައުގުވެރިކަން އިތުރުވެއެވެ. އަދި ކުދިންފިލާވަޅުގައި ބައިވެރިވުން އިތުރުވެ ކުދިންގެ ހުނަރު ތަރައްޤީ ކުރުމަށް އެހީތެރިވެދެއެވެ. އަދި ކިޔެވުމަށް ދޭ ސަމާލުކަން އިތުރުވެ ޝައުގުވެރިކަން ދެމެހެއްޓުމަށް ބާރަކަށް ވެއެވެ. މީގެ އިތުރުން މަލްޓިމީޑީޠާގެ ވަޞީލަތްތައް ބޭނުންކޮށްގެން ފިލާވަޅުތައް ކުރިއަށްގެންދިމުން ލިބޭ އެންމެ ބޮޑު އެއްފައިދާއަކީ، ނުކުޅެދޭ މީހުންނަށްވެސް ކުލާހުގައި ކުޅެދޭމީހުނާ އެއްވަރަށް މަލްޓިމީޑިއާގެ ސަބަބުން ކިޔެވުމުގެ ފުރުސަތުލިބިގެން ދިއުމެވެ. ކުރިންވެސް ދެންނެވިފަދައިން، ކިޔަވައިދިނުމުގެ ދާއިރާގައި މަލްޓިމީޑިޔާގެ ތަފާތު ވަޞީލަތްތަށް ބޭނުން ކުރާ މިންވަރު މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިގޮތުން މިހާރު ކިޔަވައިދިނުމުގެ ދާއިރާގައި ބޭނުންކުރަމުންދާ ވަޞީލަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްވަޞީލަތަކީ އައިޕެޑެވެ.

އައިޕެޑްގެ ތަޢާރަފް

އައިޕެޑަކީ، ޓެބްލެޓް ކޮމްޕިޔުޓަރެކެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ދެންނެވޭނީ އައިޕެޑަކީ، ކޮމްޕިއުޓަރަކަށްވުރެ ކުޑަ އާދައިގެ ސްމާޓް ފޯނަކަށްވުރެ ބޮޑު ގެންގުޅެން ފަސޭހަވަރަކަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. މީގެ މާނައަކީ އައިޕެޑަކީ، ލެޕްޓޮޕާއި ސްމާޓް ފޯނާއި ދެމެދުގެ ކެޓަގަރީއެއްގައިވާ އެއްޗެކެވެ. އައިޕެޑަކީވެސް މިހާރުގެ ސްމާޓް ފޯނުތައް ފަދައިން އޭގެން ކުރެވޭ ހުރިހައި ބޭނުންތަކެއް ކުރެވޭ އެއްޗެކެވެ. އައިޕެޑު އުފައްދާފައި ވަނީ 27 ޖެނުއަރީ 2010 ގައި މަޝްހޫރު އެޕަލް ކުންފުނިންނެވެ. ނަމަވެސް މިހާރު ތަފާތު ކުންފުނިތަކުން ތަފާތު ނަންނަމުގައި އެކި ސައިޒުތަކުގެ އައިޕެޑު ތަޢާރަފުކުރަމުން ދެއެވެ. އޭގެތެރޭގައި ސްކްރީނުގައި 9.7 އިންޗި ހުންނަ އައިޕެޑާއި ބަރުމިނުގައި 1.5 ކޭޖީ ހުންނަ އައިޕެޑު ހިމެނެއެވެ. އައިޕެޑުގައި ތަފާތު އެޕްލިކޭޝަންތައް ބޭނުންކުރެވެމުން ދާއިރު، ހަމައެކަނި އެޕަލް ކުންފުނިން އެކަނިވެސް އައިޕެޑުގައި ބޭނުންކުރުމަށް 1000 އަށްވުރެ ގިނަ އެޕްލިކޭޝަން ހަދާފައިވެއެވެ.



ކިޔަވައިދިނުމުގައި ( ކުލާހުގައި ) އައިޕެޑް ބޭނުންކުރެވޭ ގޮތުގެ ތަޢާރަފް

ކިޔަވައިދޭ ކުލާހެއްގައި އައިޕެޑް ތަފާތު ގޮތްގޮތަށް ބޭނުންކުރެވިދާނެއެވެ. އެގޮތުން ބަލާއިރު ދަރިވަރުންގެ ޓެކްސްޓް ފޮތްތަކުގެ ބަދަލުގައި ކުލާހުގައި ބޭނުންކުރާ ވަޞީލަތެއްގެ ގޮތުގައިވެސް އައިޕެޑް ބޭނުންކުރެވިދާނެއެވެ. އޭރުން ހަމަޔަޤީނުންވެސް އެކަމުގެ ނުހަނު ގިން ފައިދާތައް ދަރިވަރުންނަސް ކުރާނެއެވެ. އަތަށް ބަރު ބޮޑެތި ފޮތްތަކެއް އުފުލުމަށްވުރެ، ޖީބަށް ލައިގެންވެސް އާދެވޭ މިފަދަ ވަޞީލަތްތަކަށް ކުދިން މާ ޝައުޤުވެރިވާނެއެވެ. ހަމަ އެހެން އައިޕެޑުގެ ބޭނުން ކުލާހުގައި ހިފިދާނެ އަނެއްގޮތަކީ، މުދައްރިސް ބުނެދެއްވާ ފިލާވަޅާއި ގުޅޭ އިތުރު މަޢުލޫމާތުތަކާއި އެއާއި ގުޅޭ ތަފާތު ފޮޓޯތައް އަދި ވީޑިޔޯތައް ވަގުތުންވަގުތަށް ( އިންޓަރނެޓް މެދުވެރިކޮށްގެން) ބަލައި ލެވޭނެއެވެ. މީގެ އިތުރުންވެސް ތަމްރީންތައް މާކުކުރުމާއި މާކުސް ދިނުމާއި ދައިވަރުން އެދުވަހުގެ ފިލާވަޅުތައް އިތުރަށް އަޑު އަހަން ބޭނުންކަމުގައި ވާނަމަ، ފިލާވަޅު ރިޕީޓްކޮށް އަޑުއަހައި ބަލާލެވޭ ގޮތަށް ހުރުމާއި އަދި ފިލާވަޅާއި ބެހޭގޮތުން އޮޅުންނުފިލާ އެއްޗެއްވާނަމަ، މުދައްރިސައި ސުވާލުކޮށް އަދި އިތު ދަރިވަރުންނާއި މަޝްވަރާކޮށް ޚިޔާލުބަދަލު ކޮށްލުމުގެ ފުރުޞަތުވެސް ލިބެއެވެ.
މިސާލަކަށް އެދުވަހުގެ އިސްލާމްގަޑީގައި މުދައްރިސްނަގައި ދެއްވާ ފިލާވަޅަކީ އިސްލާމީ ޙަޟާރާތްތެވެ. އައިޕެޑު ބޭނުންކޮށްގެން ކިޔަވައިދޭ ކުލާހެއްނަމަ އެދުވަހުގެ ފިލާވަޅާއި ގުޅޭގޮތުން ހަދާފައިވާ އެޕްލިކޭޗަން ހުރިހާކުދިންގެ އައިޕެޑަށް އަޅާލައިގެން މުދައްރިސް ފިލާވަޅު ކުރިއަށް ގެންދެވިދާނެއެވެ. އޭރުން ދަރިވަރުންވެސް ޝައުޤުވެރިކަމާއި އެކު ފިލާވަޅަށް ސަމާލުކަންދޭނެއެވެ. މިގޮތަށް ކަންތައްކުރުމުން ދަރިވަރުން އަމިއްލައަށް އުނގެނުމަށް މަސައްކަތްކުރާނެއެވެ. އަދި ދަރިވަރުން ގަޔާވާފަދަ މާހައުލަކަށް ކުލާސްތެރެ ވެގެންދާނެއެވެ.

 ކިޔަވައިދިނުމުގައި އިންޓަރނެޓްގެ މުޙިއްމުކަން

  މުދައްރިސް ފޮތް ހިފައިގެން ބޯޑު ދޮށުގައި ހުރެގެން ކިޔަވވައިދިން ޒަމާން މިހާރު ހިންގައްޖެއެވެ. އަދި ދަރިވަރުންވެސް ގޮޑިން ނުތެދުވެ މުދައްރިސް ކިޔައިދެއްވާ އެއްޗޗެއް އަޑުއަހަން ބަސްއަހައިގެން ތިބި ޒަމާވެސް މާޒީއާއި އެކުވެގެން ހިނގައްޖެއެވެ. މިއަދަކީ އަމިއްލައަށް ކަންކަން ހޯދައި ދެނެގަނެ އެދިރާސާ ކުރާ ދުވަހެވެ. އާދެ! ޒަމާނީ ވަޞީލަތްތަކުން އިންސާނުންނަށް ހޯދައިދިން ލުއިފަސޭހަ ގޮތުގައި ހިފަންވީ ދުވަހެވެ. ތިމާއަށް މަޢުލޫމާތެއް ބޭނުންވެ އެމަޢުލޫމާތެއް ނޭނގިހުންނާކަށް މިއަދަކު ނުޖެހޭނެއެވެ. އެއަށްވުރެ ބޮޑަށް މިއަދު މިވަނީ އިންފޮމޭޝަން ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސްފައެެވެ. އިންޓަނެޓްއޭ މިކިޔޭ ބޮޑު ވިޔުގައިން މުޅިދުނިޔެ މިވަނީ ގުޅުވާލެވިފައެވެ.
އާދެ! އިންސާނުންނަށް ފެނާއި ނުލައި ނޫޅެވޭފަދައިން، މިއަދު އިންޓަނެޓްގެ ވަޞީލަތަކީ އެއެއްޗަކާއި ނުލައި އިންސާނުންނަށް ނޫޅެވޭފަދަ އެއްޗަކަށް ވަނީ ވެފައެވެ. އެހައިވެސް އިންޓަނެޓްގެ ބޭނުންތެރިކަން އިންސާނީ ދަރިފަސްކޮޅަށް މިވަނީ ބޮޑުވެފައެވެ. ބޭނުން ބޮޑީ ވަކި މިވެނި ދާއިރާއެކޭ ބުނެ އިނގިލި ދިއްކުރެވޭކަށް ނެތެވެ. ހުރިހައި ދާއިރާއަކަށްވެސް އެހައިމެ ބޭނުންތެރިއެވެ. ވަކިން ޚާއްޞަކޮށް ތަޢުލީމީ ދާއިރާއަށް އިންޓަނެޓް ވަރަށް ބޭނުންތެރިއެވެ. ސަބަބުތައް ބައިވަރެވެ. ރިސާޗު ތަކުން ދައްކާ ގޮތުގައި އިންޓަނެޓަކީ ދަރިވަރުންގެ ކިޔެވުމުގައި ވަރަށް މުހިއްމު ބައެއް އަދާ ކުރާއެއްޗެކެވެ. ކިޔަވާދިނުމުގަޔާ، ކިޔެވުމުގައި އިންޓަނެޓު ބޭނުންކުރުމުން ކުރިން ނޭގޭ އެތަށް ކަމެއް އެގިގެންދެއެވެ. މިކަމުގެ ސަބަބުން އެކިއެކި ކަންކަމާއި މެދު ހީކުރެވޭ ހީކުރެވުންތައް ނެތިގެންގޮސް އިތުބާރާއި ޔަޤީންކަން ލިބިގެންދެއެވެ. އެހެނީ ފޮތްތަކުން ނަގާ މައުލޫމާތަކީ އެންމެ ފަހުގެ މައުލޫމާތަށް ނުވެ ހިގައިދާނެއެވެ. ނަމަވެސް އިންޓަނެޓުގެ ރަނގަޅު ސައިޓަކުން ނަގާ މައުލޫމާތަކީ އެންމެ ފަހުގެ މައުލޫމާތަށް ވާނެއެވެ. ކިޔެވުމަށް އިންޓަނެޓު ބޭނުންކުރާއިރު އެންމެ މުހިއްމު ކަމަކީ ރަނގަޅު އެކުރެޑިޓު ސައިޓްތަކުން މަޢުލޫމަޓު ލިބިގަތުމެވެ. މި ފަދަ ސައިޓުތަކުން ނަގާ މައުލޫމާތަކީ ދަރިވަރުންނަށް ވަރަށް މުހިއްމު މައުލޫމާތުތަކެކެވެ.

 އިންޓަނެޓް ބޭނުންކުރުމުގެ އަޚްލާޤީ މިންގަނޑުތަކަށް ދަރިވަރުން އަހުލުވެރިކުރުމަށްޓަކައި މުދައްރިސުންނަށް ކުރެވިދާނެ ކަންތައްތައް

މިހާރު ގިނަ ބެލެނިވެރިންނާއި މުދައްރިސުންގެ ފަރާތުން އިވޭ އަޑަކީ، ދަރިން ނުވަތަ ދަރިވަރުން މިވެނި ކަމެއްކުރުމަށް މެދުވެރިވި ސަބަބަކީ އިންޓަނެޓްގެ ސަބަބުންނެވެ. އުޅުން ގޯސްވީ، އޭގެން ގޯސް ސައިޓުތައް ބަލައިގެންނެވެ. މިހިސާބުން އުފެދޭ ސުވާލަކީ، ދަރިން މިހިސާބަށް ދިޔައިރު މައިންބަފައިން ކޮބައިތޯ އެވެ. އަދި އުނގަންނައިދެއްވާ މުދައްރިސުންގެ ދައުރު ކޮބައިތޯއެވެ؟. ޙަޤީޤަތުގައި މިއިން އެއްވެސް ފަރާތަކުން މިކުދިންނަށް މިފަދަކަންތައްތައް އޮޅުންފިލުވައި ނުދެނީ ތޯއެވެ؟. ޝައްކެއްނެތްގޮތުގައި މިގޮތަށް ކަންތައްތައް ދާންވެއްޖެ ނަމަ، މިއީ ލިބޭ ނުރައްކާތެރިކަމުގެ ސިގުނަލެކެވެ. މިކަމަށް ހޭއަރަންވެއްޖެ ކަމެކެވެ. ނޫންނަމަ ވެއްޓިގެންދާ ވަޅުގަނޑުގެ އަނދިރިކަމާއި ފުންކަން އަޅުގަނޑުމެންގެ ހިތަށް ތަސައްވަރުުވެސް ކޮށްނުލެވޭނެއެވެ.
މިއީ ވަކިބައެއްގެ ބޮލަށް މިކަން ޖަހާފައި އަނެއްބަޔަކު އެއްފަރާތްވެގެން ތިބެވޭ ވަރުގެ ކަމެއް ނޫނެވެ. ދަރިން ހަމަ މަގަށް އެޅުވޭނީ ޒިންމާވާންޖެހޭ ހުރިހައި ފަރާތްތަކުންވެސް އެފަރާތެއްގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާކޮށްގެންނެވެ. މައިންބަފައިންވެސް ދަރިންނަށް މިފަދަ ވަޞީލަތްތަކުގެ ބޭނުންކުރަން ދޭއިރު، މި ދެވެނީ ކިހާވަރެއްގެ ރައްކާތެރިކަމަކާއި އެކުކަން ކަށަވަރުކުރަން އެބަ ޖެހެއެވެ. އިންޓަނެޓް ފަދަ ދުނިޔޭގެ ތަފާތު އެތައްބަޔަކު ބޭނުންކުރަމުންދާ އެއްޗެއް ދޭއިރު، ތިމާމެންނީ މުސްލިމުންކަމާއި އަދި މުސްލިމުންނަށްވެ ތިބެ ބަލަންނުވާވަރުގެ މަންޒުތަކާއި ވާހަކަތައް ހުންނާނެކަން ދަނެ އެފަދަ ކަންކަމުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަކީ ވަރަށް މުޙިއްމު ކަމެކެވެ. އެފަދަ ގޯސް ސައިޓްތަކަށް ނުވަދެވޭ ގޮަތަށް ހެދެން ހުންނައިރު، ދަރިންނަށް އިންޓަނެޓް ބޭނުންކުރަން ދޭންވާނީ އެފަދަ ސައިޓްތައް ބްލޮކް ކޮށްފައެވެ.
އިންޓަނެޓް ބޭނުން ކުރުމުގެ އަޚްލާޤީ ރަނގަޅު މިންގަނޑެއް ދަރިވަރުންގެ ކިބައިގައި އަށަގެންނެވޭނީ، މިކަމުގައި މުދައްރިސުންގެ ވެސް ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ. އެގޮތުން އިންޓަނެޓް ބޭނުންކޮށްގެން ކުރާ އެކިއެކި ކުއްތަކުގެ ( މިސާލަކަށް ހެކްކުރުމާއި ވަގުމަޢުލޫމާތު ބޭނުންކޮށްގެން ނުހައްގުން ލާރިނެގުމާއި ކޮޕީރައިޓްސް އާއި ޚިލާފު ވުމާއި ގޯސް ސައިޓްތައް ބެލުންފަދަ ) މަޢުލޫމާތު ދިނުމާއި މިފަދަކަންތައްތައް ކުރުމުން ލިބޭނެ ގެއްލުންތަކާއި އަދަބުތައް ދަރިވަރުންނަށް ބުނެދީ ހެދުމަކީ ވަރަށް މުޙިއްމު ކަމެކެވެ. މީގެ އިތުރުންވެސް ދަރިވަރުންނަށް ފައިދާ ހުރި ރަނގަޅު ސައިޓްތަކަކީ ކޮބައިކަމާއި އަދި އިންޓަނެޓްގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނެގޮތްތަށް ބުނެދީ އެކަމަށް ދަރިވަރުން އަހުލުވެރިކުރުމަކީވެސް މުދައްރިސެއްގެ ހައިސިއްޔަތުން ކުރެވިދާނެ ވަރަށް މުޙިއްމު ކަމެކެވެ.

ކައިރި މުސްތަޤްބަލްގައި މަލްޓިމީޑިޔާގެ ސަބަބުން ކިޔަވައިދިނުމަށް އަންނާނެ ބަދަލުތައް

އެއްވެސް ޝައްކެއްނެތް ގޮތުގައި ކިޔަވައިދިނުމުގެ ދާއިރާގައި މަލްޓިމީޑިޔާގެ މުސްތަޤުބަލް ވަރަށް އުޖާލާއެވެ. މިހެން މިދެންނެވީ ސަބަބެއް ނެތިއެއްނޫނެވެ. މީގެ ކޮޅުމަތިތައް މިހާރުވެސް މިކުޑަކުޑަ ރާއްޖޭގެ ސްކޫލްތަކަށް އަންނަމުންދާ އަވަސް ކުރިއެރުންތަކަށް ބަލައިލުމުން ފެނިގެންދެއެވެ. އެގޮތުން އަޅުގަނޑުމެންނަށް ފާހަގަވެގެންދަނީ ރާއްޖޭގެ ތަޢުލީމުފޯރުކޮށްދޭ ތަންތަނުގައި މަލްޓިމީޑިޔާގެ ތަފާތު ވަޞީލަތްތައް ބޭނުންކުރެވެމުން ދާކަމެވެ. އިހުގައި ލިޔަން ގެންގުޅުނު ޗޯކާއި ބޯޑު ވީތަނެއްވެސް ނޭނގޭއިރު ވައިޓް ބޯޑާއި މާކަރުތައްވެސް މިހާރުވަނީ ނެތިދިއުމުގެ މަގުމަތީގައެވެ. ގިނަ ސްކޫލުތަކުގައި މިހާރު ބޭނުން ކުރަމުންދަނީ މިހާރުގެ އެންމެ ޒަމާނީ އާލާތްތަކެވެ. އެގޮތުން ބަލާއިރު ބައެއް ސްކޫލުތަކުގައި ކިޔަވައިދެވީ ސްމާޓް ބޯޑު ބޭނުންކޮށްގެންނެވެ. އަދި ހަމައެންމެ މާލޭގެ ހުރިހައި ސްކޫލެއްގައި ހެންމެ މިހާރު ކިޔަވައިދެނީ ޕްރޮޖެކްޓަރ ބޭނުންކޮށްގެންނެވެ. އެންމެ ބޮޑުު ކުރިއެރުމެއް ފާހަގަކުރެވެނީ މާލޭގައި ހުރި އިންޓަނޭޝަނަލް ސްކޫލުތަކުންނެވެ. އެސްކޫލުތަކުގެ ގިނަ ދަރިވަރުން މިހާރުވެސް ކުލާހަށް ދަނީ އައިޕެޑާއި ޓެބްލެޓްފަދަ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި އެކުއެވެ.

މުސްތަޤުބަލުގައި ރާއްޖޭގެ ގިނަ ސްކޫލުތަކަކަށް ސްމާޓް ބޯޑާއި އައިޕެޑް ފަދަ ވަޞީލަތްތައް ތަޢާރަފްވެގެން ދާނެއެވެ. އެހެންވެއްޖެނަމަ، ދަރިވަރުންނަށް މިހާރަށްވުރެ ފުރިހަމައަށް ފިލާވަޅުތައް ބުނެދެވި އަދި ފިލާވަޅުތައް ދަރިވަރުންނާއި އެންމެ އެކަށީގެންވާ ގޮތަށް ރާވައިގެން ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެއެވެ. އަދި މިހާރަށްވުރެ ފަހި މާހައުލެއް ދަރިވަރުންނަށް ތަނަވަސްވެގެން ދާނެއެވެ. ހަމައެހެންމެ، މުދައްރިސުންނަށްވެސް މިހާރަށް ވުރެ ރަނގަޅަށް ފިލާވަޅުތައް އޮޅުންފިލުވައިދިނުމަށް ފަސޭހަވެގެންދާނެއެވެ. ފެނިގެންދަނީ، ދަރިވަރުން ގެންގުޅޭ ބަރު ފޮތްތަކުގެ ބަދަލުގައި ޒަމާނީ ޓެކްނޮލޮޖީގެ ކޮންމެވެސް ވަޞީލްތެއްގެ އެހީގައި އުނގެނެމުންދާ މަންޒަރެވެ.















ނިންމުން
މާތްﷲގެ ވާގިފުޅާއި އެކު އަޅުގަނޑު މިރިޕޯޓްގައި ހިމަނަން ގަސްތުކުރި ބައިތައް މިހާހިސާބުން ލިޔެނިމުނީއެވެ. މިމަސައްކަތް ތައްޔާރުކޮށް ނިންމުމުގެ ހެޔޮތައުފީޤު މިންވަރު ކޮށްދެއްވިކަމަށްޓަކާ މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދުކުރަމެވެ. އަދި އަޅުގަނޑަށް މިކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަމެވެ. ވަރަށް ޚާއްސަކޮށް މިމާއްދާ ކިޔަވައިދެއްވާ އިބްރާހީމް ނަސްރީންއަށް ޝުކުރު އަދާކުރަމެވެ.



05 މާރޗް 2013









ރިފަރެންސް
1 - އަސްހަނާ، އޭ. (2012)، މަލްޓިމީޑިއާ އިން އެޑިޔުކޭޝަން (އޮންލައިން، ނެގީ 11 މެއި 2012 ). http://encyclopedia.jrank.org/articles/pages/6821/Multimedia-in-Education.html
2- އެޗުއާރުއެސްބީ ސުޓާފު. (2012)، ބެނެފިޓުސް އޮފް ޔޫސިން މަލްޓިމީޑިއާ (އޮންލައިން، ނެގީ 11 މެއި 2012 ).
3- ޔުނެސްކޯ.(2012)، ދަ އެކުސްޕީރިއަންސު އޮފް އިންޓަނެޓު ޔޫސޭޖު އިން އެޑިޔުކޭޝަން (އޮންލައިން، ނެގީ 11 މެއި 2012 )
4- މުޙައްމަދު ޢަދުލީ. ( 2012 )، ތަޢުލީމީ ދާއިރާގައި އައި.ސީ.ޓީ ( ޖަމާޢަތުގެ ޚަބަރު 403 )،ޞ 11-13.
5- މުޙައްމަދު ނާއިފް.  2012 )، ދަރިވަރެއްގެ ޤަލަމުން ކިޔެވުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުން، ޖަމާޢަތުގެ ޚަބަރު ( 400 )، ޞ 17.
7-